ފަޅު ރަށަކުން މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އެމީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކުރުމަށްފަހު، ފުލުހުން ވިދާޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ މާލެ / އަލްޙާން ރަޝީދު ޙުސައިން (49އ)، ޏ. ފުވައްމުލައް ދިގުވާނޑު ހޮލެންޑް / މަރްޔަމް ރިފާޢު ( (25އ)، ރ. އިނގުރައިދޫ ވަފާ / ޢަބްދުލް މުޙްސިން ޙަސަން (65އ)، އިންޑިއާ / ކުމަރެސަން ޗިންނައިއަ (20އ)، އިންޑިއާ / ދިނޭޝް ސައްމިޔައްޕަން (29އ)، ޝްރީލަންކާ / އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް (39އ)، ޝްރީލަންކާ ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ (46އ) ގެ އިތުރުން ބަންގްލަދޭޝް / މުޙައްމަދު މައްސޫދު (46އ) އާއި ޝްރީލަންކާ ސަބެޝަން ނަހާރަޖަ (31އ) އެވެ.
މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މާރިކިލު ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މި މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމު ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




