ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެފައިވާ ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހީ ބަދަލު ބާތިލުކޮށް، މިހާރުގެ މެންބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެ ކަމަށް ނިންމައިދޭން އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ޤާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ބިލު މަޖިލިހުގެ ތަޅުމަށް ހުށަހަޅައިދެއްވާ، ކޮމިޓީން ފާސްކޮށް، މަޖިލީހުންވެސް ފާސް ކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީޤު ކުރެއްވީ ވެސް އެރެއެވެ.
އެ ބިލުގައި ޤާނޫނުއަސާސީއަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ އިބްތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހެވެ.
އެ ބިލުގައި ގެނެސްފައިވާ އިސްލާހުތަކަކީ:
° ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
° މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
° މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން
° އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 11:00 ގައި ވަނީ ބާއްވާފައެވެ.
އެ އަޑުއެހުމުގައި އަލީ ހުސެއިންގެ ފަރާތުން އެދިލައްވާފައިވަނީ:
° ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީގެ 4، 90، އަދި 75 ވަނަ މާއްދާއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށް
° އެ އިސްލާހު ދެމިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް



