ރޮބަޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީއަކުން ރަޔޯ ވަލެކާނޯ އަތުން 0-1 އިން މޮޅުވެ، ބާސެލޯނާ (ބާސާ) ސްޕެނިޝް ލީގު (ލަ ލީގާ) ގެ އެއްވަނައަށް އަނެއްކާވެސް އަރައިފިއެވެ.
ހަފްތާ ބަންދުގައި ރެއާލް މެޑްރިޑާއި އެޓްލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތަކުން އެއްވަރުވެ، އެ ދެ ޓީމަށްވެސް ޕޮއިންޓު ގެއްލުމުގެ ފުރުސަތު ބޭނުންކޮށް، ހޯމަ ދުވަހުގެ މެޗުން މޮޅުވުމާއެކު ބާސާ ވަނީ ޕޮއިންޓުގެ ގޮތުން ރެއާލް މެޑްރިޑްއާއި އެއްވަރުވެ، ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައަށް އަރާފައެވެ.
ބާސެލޯނާ ރޭ ރަޔޯ ވަލެކާނޯއާއި ބައްދަލު ކުރި މެޗުގައި ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރަޔޯ ވަލެކާނޯގެ ކުޅުންތެރިޔަކު ކުރި ފައުލެއްގެ ސަބަބުން، ވީޑިއޯ ރިވިއުއަކަށް ފަހު ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެޔަށް ފޮނުވާލީ ބާސާގެ ތަޖުރިބާކާރު ސްޓްރައިކަރު ލެވަންޑޯސްކީއެވެ.
މެޗަށްފަހު މީޑިއާއާއި ވާހަކަދެއްކި ބާސެލޯނާގެ ކީޕަރު ޝެޒްނީ ބުނެފައިވަނީ ތާވަލުގައި ހިނގާ ކަންތައްތަކަށް މާބޮޑަށް ބެލުމެއް ނެތް ކަމަށާއި، ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.
”އަހަރެމެންނަށް އަދިވެސް ތިން ތަށި އެބައޮތް ކުރިމަތިލާން. އަހަރެމެންނަށް މި ސީޒަނުގައި ވަރަށް ހާއްސަ ކަމެއް ކުރުމުގެ ފުރުސަތު އެބައޮތް،“ ޝެޒްނީ ބުންޏެވެ.
ބާސާގެ ކޯޗު ހަންސީ ފްލިކް މީޑިއާތަކާއި ދެއްކި ވާހަކައިގައި ބުނެފައިވަނީ ބާސާ ’މިޝަން‘ އަކީ މެޗު ފެށިގެން ނިމެންދެން މޮޅުވާން ހިތްވަރު ކުރުން ކަމަށެވެ. ބާސާ މިވަގުތު މިއޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، މި ސީޒަންގައި ގިނަ ކަންތައްތަކެއް ހާސިލް ކުރުމުގެ އުންމީދު އެބަ އޮތް ކަމަށްވެސް ފްލިކް ބުންޔެވެ.
ރޭ ކުޅުނު މެޗުގައި ބާސާ އަތުން ރަޔޯ ވަލެކާނޯ ބަލިވުމާއިއެކު، އެ ޓީމުގެ މިދިޔަ ނުވަ މެޗުން ބަލިނުވެ އޮތް އޮތުން ނިމުމަކަށް އައިސްފައިވެއެވެ. ލަ ލީގާގައި ބާސާ ދެން ކުޅޭނީ އަންނަ އާދިއްތަ ދުވަހު ލަސް ޕާމާސް އާ ދެކޮޅަށެވެ.



