ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިިގެން މަސައްކަތް ކުރުމަށް ނިންމައި، ”މޯލްޑިވްސް ޓީވީ“ ގެ ނަމުގައި ޗެނަލެއް އިފްތިތާހު ކޮށްފިއެވެ.
މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ރީތި މަންޒަރުތައް ބޭރުޤައުމުތަކަށް އަދި ފަތުރުވެރިންނަށް ދެއްކުމަށް ހާއްސަކޮށްގެން ގެނެސްދޭ ޗެނަލެކެވެ.
މި ޗެނަލް އިފްތިތާހު ކޮށްދެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމްއެވެ.
މިކަމަށްޓަކައި ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް މޯލްޑިވްސް ޓީވީއާ ގުޅިގެން މަސައްކަތް ކުރެވޭނެކަމަށެވެ.
”ޓީވީ ލޯންޗުކުރެވިގެން ދަނީ ވަރަށް މުނާސަބު ވަގުތެއްގައި. ޑެސްޓިނޭޝަން ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މި މަސައްކަތައް ލިބޭ އިތުރު ބާރެއް މިއީ. މޯލްޑިވްސް ޓީވީ ޒަރިއްޔާއިން ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވެށީގެ ރީތިކަން ދައްކުމަކީ އަމާޒުހިފައިވާފައިވާ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެވޭނެ ކަން ޔަޤީން. “ މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރްސީއާއި ޕީއެސްއެމް ގުޅިގެން މަސައްކަތްކުރުމަށް ނިންމައި ރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޕީއެސްއެމްއާއި އެމްއެމްޕީއާރުސީއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާޙީމް ނަސްރީންއެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.




