ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލާފައިވާ އިގުތިސޯދީ އެޖެންޑާގެ ދަށުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް، ގާނޫނު ބަދަލުކޮށްގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތްކަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.
އޭގައި ރައީސް މުޢިއްޒު ވަނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި މަޖިލިސް މެންބަރުންގެ ލަފައަކަށް އެދިލައްވާފައެވެ.
މާލިއްޔަތު މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ބުނީ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން 6 މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެ ކަމަށެވެ.
އެ މުއައްސަސާތަކަކީ:
- ޖުޑިޝަލް ސާވީސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
- ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމާ ގުޅިގެން ލަފާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ގާނޫނުތަކަށް ބަދަލުތައް ގެނައުމަށް ފަހު ހުރިހާ ކޮމިޝަންތަކުގެ މުސާރަ ކުޑަކުރުމަށް ފެންނަ ކަމަށް ރައީސް މުއިއްޒު އަށް ލަފާދިނުމަށެވެ. މަމްދޫހުގެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.



