އަދަދު ނޫހުން ގެނެސްދިން ދޮގު ޚަބަރެއްގެ ސަބަބުން އެ ނޫހުގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށައަޅަން ރައީސް އޮފީހުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް“ މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
”އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ,“ މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.
މި ޚަބަރު ގެނެސްދީފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮޑި ގެއްލޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި ޕާޓީން ވަކިވުމުން މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ބާޠިލުކުރަން އެދި ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.
ދައުލަތުން މި މައްސަލަ ނުބެލޭނެ ކަމަށް ބުނި ނަމަވެސް، ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންގޮސް، އިޖުރާއީ އިއުތިރާޒާމެދު ފަހުން ގޮތެއް ނިންމުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުންނާއި އެމްޑީޕީން ބުނެފައިވަނީ މިފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އަދި އެމްޑީޕީން އިތުރަށް ބުނެފައިވަނީ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ޚިލާފު އިސްލާހުތައް ކޯޓަށް ބެލޭނެ ކަމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ދައުލަތަށް ޖަވާބުދާރީވުމަށް 10 ދުވަސް ދީފައެވެ.



