މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށްދާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ޑޮލަރު ގަތުމުގެ ޚާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސާފިއެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތު) ގެ 5 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށެވެ.
މީގެއިތުރުން، ފެބްރުވަރީ 19 އިން 27 އަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް، އަދި މާރިޗު 2 އިން 13 އަށް ހެނދުނު 9:30 އިން 11:30 އަށް ބަންދު ނޫން ދުވަސްތަކުގައި މި ޚިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
މިއާއިއެކު މި މުއްދަތުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެކަން ހާމަކޮށް ބީއެމްއެލްއިން ބުނީ، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން މި ޚިދުމަތް ލިބޭނެ ކަމަށެވެ.
މިހިދުމަތުގެ ދަށުން ކޮންމެ ޢުމްރާވެރިއަކަށް ގިނަވެގެން 500 ޑޮލަރު ވިއްކާއިރު، އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެކަމަށް ބޭންކުން ބުނެފައިވެފައިވެއެވެ. އަދި ޑޮލަރު ގަތުމަށް ބީއެމްއެލް ޑެބިޓް ކާޑު ނުވަތަ ނަގުދު ފައިސާ ބޭނުންކުރެވޭނެކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބެންކުން އިތުރަށް ބުނީ ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންޖެހޭނެ ކަމަށާއި، އެހެން ފަރާތަކުން ޢުމްރާވެރިއެއްގެ ބަދަލުގައި ޑޮލަރު ގަންނަނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންޖެހޭނެކަމަށެވެ.
މިހިދުމަތް ލިބޭނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށާއި އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.



