އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަހުމާން ސޮލާހު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމާ ގުޅިގެން، މި ދެ މަޤާމަށް ޒާހިދާއި ސޮލާހު އައްޔަނުކުރައްވާފައިވާއިރު މި ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދީފައި ވަނީ އިއްޔެއެވެ.
ޒާހިދާއި ސޮލާހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މިދިޔަ މަހުއެވެ. އޭގެ ފަހުން، މި ދެ ބޭފުޅުން ކޮމިޝަންގެ އިސް މަޤާމުތަކަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ ފުއާދު ތައުފީޤެވެ. އަދި ނައިބު ރައީސްގެ މަޤާމުގައި ހުންނެވީ އަލީ ނަޝާތެވެ. ފުއާދު މަޤާމުން ވަކިވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އެ މަނިކުފާނުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ނަޝާތު މަޤާމުން ވަކިކުރެއްވީ ހަމަ އެމަހު، އެކި މައްސަލަތަކާ ގުޅިގެންނެވެ.
މިހާރު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި ފަސް މެންބަރުންނަކީ މުހައްމަދު ޒާހިދު، އަބްދުއްރަހުމާން ސޮލާހު ރަޝީދު، ހަސަން ޒަކަރިއްޔާ، އަބްދުލްހަސީބު އިސްމާއިލް އަދި ޑރ. މުހައްމަދު ޒާހިރެވެ.



