ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން މަހާ ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ”އެއްގެއިން އަނެއްގެއަށް“ ކެމްޕޭން ނިންމާލައިފިއެވެ.
އިސްރާފު މަދުކުރުމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެޗްޑީސީން ކުރިއަށް ގެންދިޔަ މިކެމްޕެއިން ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 16 އާއި ހަމައަށެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ކެމްޕޭނަށް ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކެމްޕޭނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް 454 ފަރާތަކުން ގުޅާ، 165 ފަރާތަކުން ތަކެތި ހަދިޔާކުރުމަށް އެދިފައިވާއިރު، 193 ފަރާތަކުން ތަކެތި ހަދިޔާކޮށް 191 ފަރާތަކަށް ތަކެތި ލިބިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީއިން އިތުރަށް ބުނެފައިވާ ގޮތުގައި މިކެމްޕެއިން އަކީ ތިމާވެށްޓަށް ރައްޓެހި، ދެމެހެއްޓެނިވި އާދަތައް އަށަގެންނެވުމަށް މަގުފަހިކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
މިއާއިއެކު މިކެމްޕެއިން ކާމިޔާބު ކަމާއިއެކު ނިންމާލެވުމުން އެޗްޑީސީން ވަނީ މި މުބާދަރާތުގައި ބައިވެރިވި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



