އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވާނަމަ، ހައްޔަރުކޮށްފައިތިބި އެންމެން އެއްފަހަރާ މިނިވަން ކުރާނެކަމުގެ އެއްބަސްވުމެއް ހަމާސް ޖަމިއްޔާގެ ފަރާތުން ހުށަހަޅައިފިއެވެ.
ޣައްޒާއަށް އިޒްރޭލުން 15 މަސްދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ދިން ހަމަލާތައް ހުއްޓާލުމަށް މިދިޔަ މަހު ފަހުކޮޅެވެ. އެއަށްފަހު ދެ ޤައުމުގެ ސިފައިން ވެސް ހައްޔަރުކޮށްފައިތިބި މީހުންގެ ތެރެއިން، ވަކި އަދަދަކަށް މީހުން ދަނީ މިނިވަންކޮށް އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
ނަމަވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށް ފަހުގައި ވެސް އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ ދެކުނު އައްސޭރިއަށް ހަމަލާތަކެއްދީ، ފަލަސްތީނު ރައްޔިތުންތަކެއް ގަތުލުކޮށްފައެވެ. އެކަމުގެ ސަބަބުން މީގެ ދެ ހަފްތާ ކުރިން ހަމާސްއިން ވަނީ އެ ހަފްތާގައި މިނިވަން ކުރަން ހަމަޖެހިފައިވާ އިޒްރޭލު ސިފައިން މިނިވަން ކުރުމާމެދު ދެކޮޅު ހަދައިފައެވެ.
ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، މިދިޔަ ހޮނިހިރު ދުވަހު ހަމާސްއިން ވަނީ އޭގެ ތެރެއިން ތިން ސިފައިން މިނިވަން ކޮށްފައެވެ.
ހަމާސްއާއި އިޒްރޭލާ ދެމުދުގައިވީ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް އަމަލުކުރުމަށް މިހާރު ތައްޔާރީތަކެއްވަމުން އަންނައިރު، އެ ޖަމާޢަތުން ހުށަހަޅާފައިވަނީ ދެބައިމީހުންވެސް ހައްޔަރުކޮށްފައިތިބި އެންމެންވެސް އެއްފަހަރާ މިނިވަން ކުރުމަށާއި އެއާއެކު ފަލަސްތީނަށް ހަމަލާދިނުން އިޒްރޭލުން ދާއިމީކޮށް ހުއްޓާލައިފިކަމުގެ އެއްބަސްވުމަކަށް ދިޔުމަށެވެ.



