ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަމަޟާން މަހަށް ޚާއްޞަކޮށް އިމްޕޯޓްކޮށްފައިވާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.
”ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،“ އެސްޓިއޯއިން ބުނެފައިވެއެވެ.
މިހާރު ވިއްކަމުންދާ އަގުތަކަށް ބަލާއިރު:
– ބިސް ކޭހެއް: 320 ރުފިޔާ
– އަލުވި ބަސްތާއެއް: 310 ރުފިޔާ
– ފިޔާ ބަސްތާއެއް: 310 ރުފިޔާ
– ލުނބޯ ކޭހެއް (5 ކިލޯ): 145 ރުފިޔާ
މި ތަކެތި ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަރހައުސްއިން ލިބެން ހުންނާނެ ކަމަށާއި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވަކިވަކިން ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނޭ ކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.
މި ތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންކަން ފާހަގަކޮށް އެސްޓިއޯއިން އިތުރަށް ބުނީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.
މީގެ އިތުރުން، އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް އިތުރު ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ތާޒާ ތަރުކާރީ އާއި މޭވާ، ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށް އެސްޓިއޯއިން މައުލޫމާތުދެއެވެ.



