ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މެޑްޓެކްއާއި މިމަޝްރޫޢު ހަވާލުކޮށްފައިވާއިރު، މިމަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ސޮއި ކޮށްފައި ވަނީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މެޑްޓެކްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަހުމަދު ހައިކަލް އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭ ގޮތަށް ކަނޑައަޅައި، އޭގެ ބަދަލުގައި މެޑްޓެކަށް މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލު ހިންގަމުން އަންނަ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މީގެއިތުރުން، އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި، ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށައިފައެވެ.



