ރަމަޟާން މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނީ 20 ފެބްރުއަރީ 2025 އިން ފެށިގެން 28 ފެބްރުއަރީ 2025 ގެ ނިޔަލަށެވެ.
އެގޮތުން، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ބެހުން ކުރިއަށްދާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މަސްދަޅު ކޭސް ބަހާނީ މާލޭ ސިޓީ ކައުންސިލް (ތައިސޭކޮށި)، މާފަންނު މިފްކޯ (ގޯތިތެރެ)، ހުޅުމާލެ ފޭސް 1 (އުމަރުޒާހިރު ބިލްޑިންގ)، ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރ 10 ގްރައުންޑް ފްލޯ) އަދި ވިލިމާލޭގައި (ސިޓީ ކައުންސިލް އޮފީސް) އެވެ.
މަސްދަޅު ކޭސް ބަލައިގަތުމަށް ދާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު 3 މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑު ގެންދިއުމަށް އިޢުލާނުގައި އަންގާފައިވެއެވެ. އަދި މަސްދަޅު ދޫކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.



