ރ. މަޑުއްވަރީގެ އިޙްތިޞާޞް ތެރޭގައި އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ އުފުލަންދޫ ހިމެނުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށާއި އެއީ ރައްޔިތުންނަށް ވަރަށް ބޭނުންވެފައި ހުރި ކަމެއްކަމުގައި މަޑުއްވަރީ ރައްޔިތަކު ޝުޢޫރު ފާޅުކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން ކުރު ބަސްދީގަތުމެއްގައި އެ ރައްޔިތުމީހާ ބުނެފައިވަނީ ސަރުކާރުން ނިންމި އެ ނިންމުމަކީ ވަތަށް ރަނގަޅުކަމެއް ކަމަށާއި މަޑުއްވަރީ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ދެކެނީ އެއީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
”އެންމެ ބޮޑަށް އަހަރުމެން ބޭނުންވާ އެއް ކަމަކީ މިރަށުގައި ހުރި ފައިބަރު ހަރުގެތަކާއި މަސްކައްކާ ތަންތަން އެތަނަށް ގެންގޮސް، އަހަރުމެންނަށް މިރަށުގައި މިނިވަންކަމާއެކު ނޭވާލެވޭނެ ނިޒާމެއް ގާއިމްވުން“ އެމީހާ ބުނެފައިވެއެވެ.
މީގެއިތުރުން އޭނާ ވަނީ، މަޑުއްވަރީ ކައުންސިލުން އެތަނުގައި ވީހާވެސް އަވަހަށް ރަނގަޅު ޕްލޭނެއް ހަދައި، ޖެޓީވެސް އަޅައި ރައްޔިތުންނަށް އެތަނުގެ ބޭނުން އަވަހަށް ހިފޭނެ ގޮތް ގާއިމު ކޮށްދިނުމަށް އެދިފައެވެ.
އުފުލަންދޫ އަކީ މަޑުއްވަރީގެ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާކަން އިއުލާނު ކުރެއްވީ މިދިޔަ މަހު 22 ގައި މަޑުއްވަރީއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
އެގޮތުން އެ ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެ ޙައްލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވަނީ، ރަށުގެ ބިން ފުރިފައިވާކަމާއި، ފަޅުގައިވެސް ޖާގަ ނެތުމުން، ހިއްކުނަސް ހިއްކޭނީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއްކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ނިންމެވުމާ އެއްގޮތަށް މަޑުއްވަރީގެ އިޙްތިޞާޞްގެ ތެރޭގައި އުފުލަންދޫ ހިމެނުމަށް ރަސްމީކޮށް ކަނޑައަޅާފައިވަނީ އިއްޔެއެވެ.




