ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލިހަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އިންތިހާބުވާ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުން ވަނީ ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްފައެވެ.
އެއާއެކު އެ އިސްލާހު ބާތިލް ކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ނުބެލޭނެކަމަށް ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވި ނަމަވެސް، އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އަދި ޤާނޫނު އަސާސީގެ ނަޒަރުގައި، ޤާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި ޤާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



