ފްރާންސްގެ ތަރި ކީލިއަން އެމްބާއްޕޭގެ ހެޓްރިކަކާއިއެކު، މިރޭ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ރައުންޑްގައި ރެއާލް މެޑްރިޑުން މެންޗެސްޓާރ ސިޓީ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ރެއާލްގެ ސެންތިއާގޯ ބަރނަބިއު ދަނޑުގައި މިރޭ ކުޅުނު މެޗަށް ދެ ޓީމުން ނިކުއިން އިރު، މެޗުގެ އެގްރެގޭޓް ސްކޯ 2-3 އިން ކުރީގައި އޮތީ ރެއާލް އެވެ. އެ ޓީމުން ސިޓީ ބަލި ކުރީ ޖުމްލަ 6-3 ގެ އެގްރެގޭޓް ސްކޯ އަކުންނެވެ.
މެޗުގެ ކުރީކޮޅު ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސްއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސިޓީ އަށް ވަރަ ބޮޑަށް ދަތިވެގެން ދިޔައެވެ. ދެން ފެނިގެން ދިޔައީ ފަސޭހަ ކަމާއިއެކު ރެއާލް ގެ ފޯވަޑުން ސިޓީގެ ގޯލަށް ހަމަލާތައް ފޮނުވަމުން ދިޔަ މަންޒަރެވެ. ސިޓީގެ ތަރި އާރލިން ހާލަންޑް އަށް ޕްރިމިއާރ ލީގުގެ މެޗެއްގައި ދިމާވި އިންޖަރީއެއްގެ ސަބަބުން މިރޭ އިންނަން ޖެހުނީ ބެންޗުގައެވެ.
މެޗު ފަށައިގެން 5 މިނެޓު ނުވަނީސް އެމްބާއްޕޭ ވަނީ ރެއާލް ގެ ފުރަތަމަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މިރޭގެ މެޗުގައި ފެނިގެން ދިޔައީ ރެއާލް އިން ވަރަށް ހަމަ ޖެހިލައިގެން، މެޗު ކޮންޓްރޯލްކޮށް ޕާސިންގ ގޭމެއް ކުޅެމުން ދިޔަ މަންޒަރެވެ. އެމްބާއްޕޭގެ ފުރަތަމަ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ ސިޓީގެ ޑިފެންޑަރ ސްޓޯންސްއަށް އަނިޔާވެގެން އޭނާ ގެ ބަދަލުގައި ކުޅެން އެރީ ނޭތަން އަކޭ އެވެ. ރެއާލް ގެ ދެވަނަ ގޯލުވެސް ކާމިޔާބު ކޮށްދިނީ، މެޗުގެ 33 ވަނަ މިނެޓުގައި އަނެއްކާވެސް އެމްބާއްޕޭ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ހިތްގައިމު ގޯލަކާއިއެކު އެމްބާއްޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް އިން ބައްދަލުކުރާނީ ބަޔާރ ލެވަކުސެން ނުވަތަ އެޓްލެޓިކޯ މެޑްރިޑް ގެ ތެރެއިން ގުރުއަތުން ހޮވޭ ޓީމަކާއެވެ. ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.



