ބްރެޒިލްގައި ދިރި އުޅެމުންދާ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ނޫސްވެރިއަކު ގެއްލިގެން ހޯދަމުންދާތާ 2 ހަފްތާ ވެފައިވާ ކަމަށް ބްރެޒިލްގެ ނޫސްވެރިންގެ ޖަމިއްޔާ އަކުން ހާމަކޮށްފިއެވެ.
އުމުރުން 32 އަހަރުގެ، ޗާލޮޓް ޕީޓް ނަމަކަށް ކިޔާ މި ނޫސްވެރިޔާ އެންމެ ފަހުން އޭނާގެ ރައްޓެސަކާ ވާހަކަ ދައްކާފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް މި މަހު 8 ވަނަ ދުވަހުއެވެ. އެޔަށް ފަހު އޭނާ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ނޫސްވެރިންގެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
ވަޓްސްއެޕް މެދުވެރިކޮށް، ޗާލޮޓް އޭނާގެ ރަހުމަތްތެރިޔާ ކައިރީ ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ބްރެޒިލްގެ ސިޓީއެއް ކަމަށް ސައޯ ޕައުލޯގައި ކަމަށެވެ. އަދި ވަރަށް އަވަހަށް ރިއޯ ސިޓީއަށް ދާން ރާވަފައިވާ ކަމަށާއި، އެ ސިޓީގައި ހުންނާނެ ތަނެއް ހޯދައިދިނުމަށް ވެސް ޗާލޮޓް ވަނީ އޭނާގެ ރަހުމަތްތެރިޔަ ކައިރިން އެދިފައެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާލޮޓް ގެއްލިފައިވާ މައްސަލަ ބްރެޒިލް ގެ ފުލުހުންނަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އަދި މިހާރު އެ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ބްރެޒިލްގެ ފުލުހުން ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނޫސްވެރިޔާ ޗާލޮޓް ގެއްލުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނެފައިވަނީ ބްރެޒިލްގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ނޫސްވެރިޔާ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށެވެ.
ޗާލޮޓް ގެ ލިންކްޑް-އިން ޕްރޮފައިލް އިން އިނގޭ ގޮތުގައި އޭނާ އަކީ ޕޯޗުގީޒް ބަހުން ވާހަކަ ދައްކަން ވަރަށް ފަރިތަ މީހެކެވެ. އަދި އޭނާގެ އޮންލައިން ޕޯޓްފޯލިއޯ ދައްކާ ގޮތުގައި ޗާލޮޓް ވަނީ ބްރެޒިލްގައި ނޫސްވެރިކަމުގެ ދާއިރާއިން ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.




