ފިލިޕީންސްގައި ޑެންގޫ ބަލި ފެތުރޭތީ އެކަމަށް ހައްލެއް ގެނައުމަށް، މަދިރި މަރާ ނުވަތަ ހިފާ މީހުންނަށް ފައިސާގެ އިނާމެއް ދޭން ފިލިޕީންސްގެ އަވަށަކުން ފަށައިފިއެވެ.
އާބާދީ ގިނަ އެ އަވަށެއްކަމަށްވާ ބަރަންގޭ އެޑިޝަން ހިލްސްގެ ޗީފް ކާލިޓޯ ކަރނަލް ވަނީ މިކަން އިއުލާނުކޮށް، މަދިރި މަރާ ނުވަތަ ހިފައިފި މީހުންނަށް ދޭނެ ފައިސާގެ އިނާމުވެސް ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން އޭނާ ބުނީ މަރާ ނުވަތަ ހިފާ ކޮންމެ ފަސް މަދިރިއަކަށް 1 ފިލިޕީންސް ޕޭސޯ (0.27 ލާރި) އިނާމެއްގެ ގޮތުގައި ސަރުކާރުން ދޭނެ ކަމަށެވެ.
މިފަދަ ކަމެއް އިއުލާނު ކުރުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިކަމަށް ފާޑު ކިޔައި ޖޯކު ޖަހާފައެވެ. ނަމަވެސް އެ އަވަށް ހިންގާ ފަރާތްތަކުގެ ދިފާއުގައި ކާލިޓޯ ބުނީ، މިއީ ޑެންގޫ އިން ސަލާމަތްވެ، ރައްޔިތުންވެސް ރައްކާތެރި ކުރުމަށްޓަކައި ސަރުކާރުން އެޅި ވަރަށް ރަނގަޅު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް ކަމުގައެވެ.
މި ޕްރޮގްރާމް ފަށާފައިވަނީ ކާލިޓޯގެ ދެ އަވަށްޓެރިއަކު ޑެންގޫ ޖެހިގެން މަރުވުމާ ގުޅިގެން، އޭގެ ދެ ދުވަސް ފަހުން، މިދިޔަ އަންގާރަ ދުވަހު ކަމަށް ބައެއް ރިޕޯޓުތަކުން ފާހަގަ ކޮށްފައިވެއެވެ. އަދި މިއީ އެއްމަސް ދުވަހަށް ކުރިއަށް ދާނެ ޕްރޮގްރާމެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ކާލިޓޯ ބުނީ މި ޕްރޮގްރާމުގެ ދަށުން، މަދިރި ނުމަރާ ދިރިހުއްޓާވެސް ހަވާލު ކުރެވޭނެ ކަމަށާއި އެފަދަ މަދިރިތައް މަރާނީ އަލްޓްރާ ލައިޓް ބޭނުން ކޮށްގެން ކަމަށެވެ. މީގެ އިތުރުން މަދިރީގެ ބިސްވެސް ހަވާލު ކުރެވިދާނެ ކަމަށް ކާލިޓޯ ބުނެފައިވެއެވެ.
ބީބީސީއަށް މައުލޫމާތު ދެމުން ކާލިޓޯ ބުނީ މިހާތަނަށް 21 މީހަކު މި ޕްރޮގްރާމުގައި ބައިވެރިވެ ފައިސާގެ އިނާމު ހޯދާފައިވާ ކަމަށެވެ. އަދި އެމީހުން ވަނީ މުޅިއަކު 700 މަދިރިއާއި އޭގެ ބިސް ގެނެސްފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.


