އދ. މާމިގިލީގައި ހަދަން ނިންމާފައިވާ ޕޮލިސް ސްޓޭޝަން، އެ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ އެހީގައި ހެދުމުގެ ހުއްދައަށް އޭނާ އެދިވަޑައިގެންފިއެވެެ.
މިކަމަށް އެދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާޢުއަށް ފޮނުއްވި ސިޓީއެއްގައި ޤާސިމް ވިދާޅުވެފައިވަނީ މާމިގިލީގައި ހަދަން ނިންމާފައިވާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން މިހާރު ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.
އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް މިދިޔަ ސަރުކާރުގެ ބަޖެޓުގައި ވެސް އަދަދުތަކެއް ޖެހިކަމަށާއި ނަމަވެސް އެކަމުގައި ދަތިތަކެއް އުޅުނުކަން އެނގިވަޑައިގަންނަވާ ކަމުގައި އެ ސިޓީގައި ބަޔާން ކުރައްވާފައިވެއެވެ. އެހެންކަމުން ޤާސިމްގެ ޚަރަދުގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ ހުއްދަ ދެއްވުމަށް އެ ސިޓީގައި ވަނީ އެދިލައްވާފައެވެ.
”ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ.“ ޤާސިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޤާސިމް ވިދާޅުވެފައިވަނީ އދ. އަތޮޅުގައި ކުށްކުރުން އެންމެ ގިނަވެފައިވަނީ ވެސް މާމިގިލީގައި ކަމަށާއި އެހެންކަމުން ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަނަލް ފެންވަރުގެ ސްޓޭޝަނެއް ގާއިމް ކުރުމަށް އެކި ފަހަރު މަތިން ވާހަކަތައް ދެއްކެވިކަމަށެވެ.



