ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހުގެ ކުރިން ފްލެޓު ލިސްޓު އާންމު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފައްޓަވާދެއްވައި، ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްްލެޓު ލިބިފައިވާ ފަރާތްތަކުގެ ނަން ލިސްޓު އިއުލާނު ކުރެވޭނެ ކަމަށާއި ސެޕްޓެމްބަރު މަހުގެ ކުރިން ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ ފްލެޓު ލިސްޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސް މުޢިއްޒު އާއި ހައުސިންގް މިނިސްޓަރ ޢަބްދުﷲ މުއްޠަލިބު ވެސް ވިދާޅުވެފައިވާ ގޮތަށް މިއަހަރުގެ ރޯދަ މަހުގެ ކުރިން ލިސްޓު އާންމު ކުރެވޭނެ ކަމަށެވެ.
ހައުސިންގް މިނިސްޓްރީން މިކަން އިއުލާނު ކުރިނަމަވެސް، ފްލެޓު ލިސްޓު އާންމުކުރާނެ ވަކި ތާރީޚެއް އަދިއެއް ހާމަކޮށްފައެއް ނުވެއެވެ.
ކަލަންޑަރުގައިވާ ގޮތުންނަމަ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި ފެށޭ މާރޗް މަހުގެ 1 ވަނަ ދުވަހެވެ.



