ދެކުނުގެ ރަށެއްގައި ސްކޫލެއްގެ އަންހެން ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއް ’ގްރޫމް‘ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރަކު ގްރޫމް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް، މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
’ގްރޫމް‘ ކުރުން އާންމުކޮށް މާނަ ކުރަނީ ކުޑަ ކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައިގެން އެ ކުދިންނާއި އެކު ޖިންސީ އަމަލެއް ހިންގަން މަސައްކަތް ކުރުމުވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަ ތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މައްސަލަ ހިނގާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.



