ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެހެން ރަށަކަށް ބަދަލުވާން އެދިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވެފައި ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކަމާ ގުޅޭގޮތުން ރަސްމީ ނިންމުމެއް ނިންމާފައިނުވާ ކަމަކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ އެ ރަށްތަކުގެ ކައުންސިލްތަކުން އެދޭ ގޮތަށް ރަށް ބަދަލުކުރުމަށް ނިންމައިފިނަމަ، އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.
މިފަހުން ސަރުކާރުން ވަނީ ހދ. ހަނިމާދޫއަށް ބަދަލުވުމަށް އެއަތޮޅު ހިރިމަރަދޫ ރައްޔިތުން އެދުމުން އެފަދައިން ބަދަލުކުރަން ނިންމާފައެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ އެއީ ވަރަށް ބޮޑު މަސައްކަތަކަށްވާތީ، މިކަމާ ގުޅޭ ސިޔާސަތު ކަރުދާސްތައް އެކުލަވާލަމުންދާ ކަމަށާއި، އޭގެ ފުރަތަމަ ދެލިކޮޕީ މިހާރު ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރުގެ ދައުރުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



