ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާޢީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ.
މި އަހަރުގެ ޝިޢާރު ”ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ“ އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ޤައުމެއްގެ ޤައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަޤުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އަދި އިޤްތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިޢާރުން އިޝާރާތްކުރާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.



