މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އަދި ޕީއެންސީ ލީޑަރު އިބްރާހިމް ފަލާހްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިއަހަރު ގިނަ ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުންހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވި ދުވަހުވެސް ހާމަކުރައްވާފައެވެ.




