ސްޓޫޑަންޓް ލޯނު އަދި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ސްޓޫޑަންޓް ލޯނު އަދި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ ދަރިވަރުންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ، މި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ހޯދުމަށް މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަދި ސަރުކާރާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި މިފަދަ މައްސަލައެއް ކުރިމަތިވެފައިވާ ދަރިވަރުން އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އަޒާން ވަނީ އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅޭ ގޮތުން ”ސައުވީސް“ އަށް މަޢުލޫމާތު ދެއްވަމުން އަޒާން ވިދާޅުވީ، ސްޓޫޑަންޓް ލޯނު ނުވަތަ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ވަރަށް ގިނަ ދަރިވަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެކި ކުދިންނަށް ދިމާވަނީ އެކި ކަހަލަ މައްސަލަތައް ކަމަށް ފާހަގަކުރައްވައި، އަޒާން ވިދާޅުވީ މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި މަޖިލީހުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ، މައްސަލަތައް ކުރިމަތިވާ ގޮތް ދެނެގަތުމުގެ ބޭނުމުގައި މިފަދަ މައްސަލަ ކުރިމަތިވާ ދަރިވަރުން އެކަން ހިއްސާކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި މި ކަންކަން ބެލުމަށްފަހު ދެން ޢަމަލުކުރައްވާނެ ގޮތުގެ ޕްލޭނެއް މިހާރު ތައްޔާރުކުރެވިފައިވާނެ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.



