ކުރިޔަށް އޮތް ރޯދަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ރޭ ގައި ބަހަން ފެށުމާއިއެކު، ގިނަ އަދަދެއްގެ ބަޔަކު ކިއު ހެދުމާއި ގުޅިގެން އިތުރު ސަރަހައްދެއްގައިވެސް މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވާ ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅު ބެހުމުގެ ކަންކަމަށް ރައްޔިތުން އިޖާބަދިން މިންވަރަށް ބަލައި، މަސްދަޅު ކޭސްތައް ބަހާނެ އިތުރު ސަރަހައްދެއް ހަމަ ޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށެވެ.
މިރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރާނަން.
މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން…
— Adam Shareef Umar (@Adamshareefz) February 20, 2025
އަދި މާލޭގައި މަސްދަޅު ކޭސްތައް ބެހުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، ރައްޔިތުންގެ ދިން އެއްބާރުލުމަށް މިނިސްޓަރ ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުން ރޯދަ ހަދިޔާއަށް ދޭ މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ރޭގެ 8:30 ގައެވެ. މަސްދަޅު ކޭސްތައް ބަހަން ފެށުމާއިއެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސަރަހައްދު ތަކުގައި ކިއު ހަދާލާފައެވެ.
މާލެ ސަރަހައްދުގައި އެސްޓީއޯ މެދުވެރިކޮށް މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:
- މާލެ: މިފްކޯ އޮފީސް ސަރަހައްދު
- މާލެ: އެމްޓީސީސީ ސޯމިލް
- ވިލިމާލެ: ވެމްކޯ ސައިޓު
- ހުޅުމާލެ: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ: ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު
މި ސަރަހައްދުތަކު އިތުރުން މަސްދަޅު ކޭސްތައް ބަހާނެ އިތުރު ސަރަހައްދެއް މިއަދު ވަގުތެއްގައި ސަރުކާރުން އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.
މާދަމާ (ހޮނިހިރު ދުވަހު) ވެސް މި ސަރަހައްދުތަކުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ. ހޮނިހިރު ދުވަހު މަސްދަޅު ކޭސްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް، އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.



