ދިވެހީން ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން އެ މަނިކުފާނު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
— Dr Mohamed Muizzu (@MMuizzu) February 20, 2025
ރައީސް ގެ ޕޯސްޓުގައި އެ މަނިކުފާނު ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންލެ ލަފުޒެއްވެސް ގުޅިފައިވަނީ ދިވެހި ބަހާ ކަމަށާއި، މާޒީއާއި، މިއަދު އަދި މާދަމާވެސް ދިވެހިންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް ކަމަށެވެ.
ދުނިޔޭގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރެން ފެށިފައިވަނީ 1952 ވަނަ އަހަރުއެވެ. މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރަނީ އެބަޔަކު ވާހަކަ ދައްކައި އުޅޭ ބަސް އޭގެ އަސްލާ އެއްގޮތަށް ބޭނުންކޮށް އާލާ ކުރުމުގެ މުހިންމު ކަން ބުނެދިނުމަށްޓަކައެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ބަހުގެ މުހިންމު ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ޤައުމެއްގެ ޤައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސް ކަމަށާއި، މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވަސީލަތެއްކަމަށެވެ.
ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން، ދިވެހި ބަހުގެ ދުވަހެއް ފާހަގަ ކުރުމަށް 2015 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް 14 ވަނަ ދުވަހެވެ. އެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރްހޫމް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަހެވެ.




