ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތައްޔާރުކުރުމުގައި ނ. މަނަދޫގައި ހުރި ހުރަސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މަނަދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭނެ މުދައްރިސުން ތަމްރީނުކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މިބައްދަލުވުމުގައި މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވުޒާރާއިން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުން، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ވުޒާރާއާއި މަނަދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި މަޝްވަރާކޮށް ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެއިތުރުން، ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ނ. އަތޮޅު ކައުންސިލާއި މަނަދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
މުއައްސަސާތަކުގެ އިސްވެރިންނާއެކު ބައްދަލުކުރައްވާ ވަޒީރު ޑރ. ޢާއިޝަތު ވަނީ ވުޒާރާގެ މެންޑޭޓުގެ ދަށުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެކަން ޔަޤީންކުރުމަށް މަނަދޫގެ މުއައްސަސާތަކުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރު ވަނީ އަލިއަޅުވާލައްވާފައެވެ.




