ސްރީލަންކާގެ ރައީސް އޮނަރަބަލް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އަރިހަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި، ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްރީލަންކާގެ ރައީސަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ސްރީލަންކާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދެއްވަމުން ގެންދަވާ އެހީތެރިކަަން ފާހަގަކުރައްވާ މިނިސްޓަރ ޚަލީލް ވަނީ ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



