ރަމަޟާން މަހަށް ތައްޔާރުވާނީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކޮށްގެން ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކުރިމަތިވަމުން މިއަންނަ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޝާން މަސް ކަމަށާއި މިބަރަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ ފުރިހަމައަށް އިސްތިޤުބާލަކުން އެމައްސަރާ އިސްތިޤުބާލު ކުރަން ޖެހޭ ކަމަށެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ރޯދަމަހަށް ތައްޔާރުވާނީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމައަކުރުމަކުން ނޫނެވެ. އަދި އެކަންކަން ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބަރަކާތުން ފުރިފައިވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
ޚުތުބާގައި އިތުރަށް ބުނީ، މިފަދަ ކަންތައްތަކާއި ދުރުހެލިވެ، ރަމަޟާންމަހާއި ބައްދަލުކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭނީ އެމަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ރޭވުމަށް ކަމަށާއި ތިމާ އާއި ތިމާގެ އަނިބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މިމަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަހަރެމެންގެ ޙަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާއި ދުރުހެލިވެ ފުރިހަމަ ތައުބާވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިބަރަކާތްތެރި މައްސަރުގެ ދުވަސްތަކާއި ކުރިމަތިލާން ވާނީ ފުރިހަމަ އީމާންކަމާއިއެކު އެމައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައި ކަމަށެވެ.
އެހެންކަމުން ރަމަޟާންމަހާ އަހަރެމެން ކުރިމަތިލާންވާނީ އެމައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިސްލާހުކޮށް ހަޔާތުގެ އާ ސަފުހާތަކެއް ހުޅުވައިލުމުގެ މަތިވެރި އަޒުމާއެކުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހަކީ އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް އަޅުކަމުގައި މުރާލިކަން އިތުރުކޮށް ވަރުގަދަ އަޒުމަކާއިއެކު ކުރިމަތިލާން ޖެހޭ މައްސަރެއް ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން ކުރާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރޯދައިގެ ހުކުމްތައް ދެނެގަތުމެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުމެވެ. އެއީ ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައަށް ހުރެ މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުމަށާއި ރޯދައިގެ ހުސާބެއް ނެތް އަޖުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ރަމަޟާން މަހާއި ބައްދަލުވެ އެމަހު އޭނާގެ ނަފުސު ތަހުޒީބުނުވެ ހަމައެކަނި ނަމަކަށް ރޯދަހިފައިފިނަމަ ، އެމަސް އެއްކޮށް ބޭކާރު ކޮށްލެވުނީ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.


