ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މިއޮޕަރޭނުގައި މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޒީނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ޒީނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



