ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
މިއޮޕަރޭޝަން ހިންގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުކަން ހާމާކޮށް ފުލުހުން ބުނީ މިއޮޕަރޭޝަނުގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މިހާކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ވަނީ މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



