މާދަމާ ރެއިން ފެށިގެން ޖުމްލަ 13 ތަނަކުން ރޯދަ ހަދިޔާ ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަރ މާލޭގައި މިހާތަނަށް ޖުމްލަ 9,394 ކޭސް ރޯދަ ހަދިޔާ (މަސްދަޅު ކޭސް) ބަހާފައިވާ ކަމަށެވެ. މީގެ ތެރޭގައި ވިލިމާލެއިން 582 ކޭސް، އެމްޓީސީސީ ސޯމިލްއިން 2,083 ކޭސް، މިފްކޯއިން 3,666 ކޭސް، ހިޔާ ފްލެޓް 10 އިން 1,555 ކޭސް އަދި އުމަރު ޒާހިރު ބިލްޑިންގއިން 1,508 ކޭސް ބަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާދަމާ ރެއިން ފެށިގެން އިތުރު ތަންތަނުން ރޯދަ ހަދިޔާ ދޫކުރަން ފަށާނެ ކަމަށެވެ. މިގޮތުން މާލޭ ގަލޮޅު ދަނޑުގެ 4 ވަނަ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު، އަދި ހުޅުމާލެ ފޭސް 1 އާއި 2 ގައި އިތުރު 2 ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށާއި ކޮންމެ ތަނެއްގައި 5 ޓޭބަލްއިން މަސްދަޅު ކޭސް ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ހޫނު ގަދަވުމާ ގުޅިގެން ދުވާލު ރޯދަ ހަދިޔާ ދޫކުރުން ނޯންނާނެ ކަމަށެވެ. އަދި ރޭގައި ގިނަ ވަގުތު ކިއުގައި ތިބެން ޖެހުނު ކަމަށްޓަކައި ހިތާމަ ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ މޭންޕަވަރ އިތުރުކޮށް އިންތިޒާމުތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
ހަމައެއާއިއެކު، ދިގު ކިއުއަށް ނޭރި ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ހުރިހާ ގޭބީސީތަކަށް ރޯދަ ހަދިޔާ ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




