ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއިއެކު ޖާގަލިބޭ ގޮތަށް ރައީސް މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. މީގެ ތެރޭގައި ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ހިމެނެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ޗައިނާގެ ބެއިޖިންއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެއިޖިންއާ ކައިރި ޕްރޮވިންސްތަކުގައިވެސް މި އުފެއްދުންތައް ވިއްކުމަށް ރޭވިފައިވާއިރު އެ ކުންފުނިން މި އުފެއްދުންތައް ޗައިނާގައި އޮންލައިންކޮށްވެސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި ކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއިއެކު ޖާގަލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
މިއާއިއެކު މިނިސްޓަރު ވަނީ މިއެއްބަސްވުމުގައި ސޮއިކުރުމުން އެންސިސް ފިޝަރީޒްއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



