ސަރުކާރުން ހަދިޔާ ކުރާ މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ފަސޭހަކޮށްދިނުމުގެ ގޮތުން، ޓޯކަން މެދުވެރިކޮށް މަސްދަޅު ކޭސް ލިބޭނެ ނިޒާމެއް މިއަދު އިއުލާނު ކުރަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސް ރައްޔިތުންނަަށް ފޯރުކޮށްދިނުމުގައި، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ، މަސްދަޅުކޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ދާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމުގައި އެމިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން ކިޔުގައި ގިނަވަގުތު ހުންނަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ފަހުން އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:
° މިފްކޯ ކޮމްޕްލެކްސް (މާފަންނު) – 200 ޓޯކަން
° އެމް.ޓީ.ސީ.ސީ ސޯމިލް 200 ޓޯކަން
° ހެންވޭރު ދަނޑު 100 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 1 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 2 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 3 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 4 – 50 ޓޯކަން
° ސޯޝަލް ސެންޓަރު – 100 ޓޯކަން
° ވިލިމާލެ ވެމްކޯ ސައިޓް – 100 ޓޯކަން
° ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ – 100 ޓޯކަން
° ހުޅުމާލެ ޕޮލްކޯ ޓަވރ (ސީ ބްލޮކް) – 100 ޓޯކަން
° ހުޅުމާލެ ހިޔާ ޓަވަރު 10 – 100 ޓޯކަން
° ހުޅުމާލެ ކާމިލްދީދި ޕްރީސްކޫލް – 100 ޓޯކަން
މަސްދަޅުކޭސް ބަލައި ވަޑައިގަންނަވާއިރު، އެ ފަރާތެއްގެ އައި.ޑީ.ކާޑާއި ތިން މަސްދުވަހުގެ ކަރަންޓު ބިލް ގެންނައުމަށް މިނިސްޓްރީން ހަނދާން ކޮށްދީފައިވެއެވެ.
ހުރިހާ ގޭބިސީއަކަށް މަސްދަޅުކޭސް ދޫކުރުން ފުރިހަމަކުރެވެންދެން، އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ބުނެފައިވެއެވެ. އަދި ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.




