”އިންޑިއަން ފިލްމު ފެސްޓިވަލް“ ރާއްޖޭގައި އިފްތިތާހު ކޮށްފިއެވެ.
މި ފެސްޓިވަލަކީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން އިންތިޒާމު ކޮށްގެން ކުރިއަށްގެންވާ ފެސްޓިވަލެކެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފެސްޓިވަލު އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެސްޓިވަލު ކުރިއަށްދާނީ މިއަދާއި، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އިތުރުން އެ ހަފްތާގެ ހުކުރު ދުވަހުގައެވެ.
ހިލޭ ވަދެވޭ އެ ފެސްޓިވަލުގައި އިންޑިއާގެ އެކި ބަސްތަކުން ހަދާފައިވާ ފިލްމުތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިންދީ ފިލްމާއި، ތަމަޅަ، ޕަންޖާބީ، މަޅަޔާލަމް އަދި ކަންނާޑާ ހިމެނެއެވެ.
އިންޑިއަން ފިލްމު ފެސްޓިވަލު އިފްތިތާހު ކުރުމުގެ ޚަފްލާއަށް ދައުވަތު ދެއްވި ކަމަށްޓަކައި މިނިސްޓަރު ސައީދު ރޭގައި ”އެކްސް“ މެދުވެރިކޮށް ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ ޖީ ބާލަސުބްރަމާނިއަން އަށް ޝުކުރުއަދާ ކުރައްވާފައެވެ.
މިނިސްޓަރު ސައީދުގެ ޕޯސްޓަށް ރައްދު ދެއްވައި، ޝުކުރު އަދާ ކުރަމުން އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ އިންޑިއާގެ ސަޤާފަތާ ގުޅިފައިވާ މިފަދަ ފެސްޓިވަލެއް ރާއްޖޭގައި ބޭއްވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށެވެ.



