އެމަނިކުފާނުގެ އަމިއްލަ އަތުލިޔުމަކީ ރީތި އަތުލިޔުމެއްކަމަށް އެއްވެސް އިރަކު ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަތުލިޔުމުގެ ”ފޮންޓެއް“ އުފެދިފައިވުމަކީ ލިބިލެއްވި ވަރަށް ބޮޑު ޝަރަފެއް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން މައުމޫން ފައުންޑޭޝަނާއި ”އަކުރު ޓައިޕް“ ގުޅިގެން ވަނީ ”މައުމޫން“ ގެ ނަމުގައި ފޮންޓެއް ތައާރަފުކޮށްފައެވެ.
އެ ފޮންޓު ތައާރަފު ކުރުމަށް ރޭގައި ބޭއްވި ޚާއްސަ ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ކޮންމެ މީހަކުވެސް ޤައުމަށް ޚިދުމަތެއް ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށާއި އެބީދައިން އެމަނިކުފާނުވެސް ބޭނުންފުޅުވެލައްވަނީ ޤައުމަށް ކުރިއެރުމާއި ތަރައްޤީ ހޯއްދަވައިދެއްވުމަށް ކަމަށެވެ.
“ ކޮންމެ މީހަކު ވެސް އެމީހެއްގެ މަގާމުގައި، އެމީހެއްގެ ގޮނޑީގައި، އެމީހަކު ހުރި ތަނެއްގައި ހުރެގެން ގައުމަށް ޚިދުމަތް ކުރުމަކީ އެމީހެއްގެ ވާޖިބަކަށް ހަދަން ޖެހޭ. އެކަން އަޅުގަނޑު ހިތުން މިހާރު ދަނީ ވަރަށް ރަނގަޅަށް ކުރެވެމުން“ ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އަތުލިޔުއްވުމަކީ ރީތި ލިޔުއްވުމެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން ފޮންޓެއް ނެރުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ދިވެހިބަސް ކުރިއަރުވައި، ތަރައްޤީކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ އެ ޤައުމެއްގެ ބަސް ކަމަށެވެ.



