އަންނަ ހަފްތާތެރޭގައި ރާއްޖޭގެ ޒަކާތު ހައުސްއިން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ ނިޒާމު ޤާއިމު ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމްގެ އިތުރުން ޒަކާތު ހައުސްގެ އިސް ފަރާތްތަކުގެ އިތުރުން މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ނިޒާމުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން ކަމަށެވެ.
މީގެއިތުރުން ހެޔޮކަންކަމަށް ހޭދަކުރުމުގެ ބޭނުންތެރިކަން ރާއްޖޭގައި އޮތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމުކަމަށާއި މިހާރުވެސް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެން ކަމަށާއި އިސްލާމީ ފިޤުހުގެ އަލީގައި އެއިދާރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުން ކަމަށެވެ.




