ކެފޭ އަކަށް ގޮސް ޚިދުމަތް ހޯދުމަށްފަހު ބިލު ނުދައްކާ ދާން އުޅުނު މައްސަލައެއްގައި އެއްމަސްތެރޭ ދެފަހަރަށް ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލި، ހަނދުވަރުދޭގެ ޔާޝީން ރަޝީދު (23އ) އެވެ.
މިމައްސަލައާ ގުޅިގެން އޭނާ ފުރަތަމަ ފަހަރަށް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އެފަހަރު އޭނާގެ ބަންދު މުއްދަތަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
ބަންދުގެ މުއްދަތު ޖަހަން ކޯޓަށް އެފަހަރު ހާޒިރުކުރުމުން ޔާޝީން އެދުވަހު ބުނެފައިވަނީ އޭނާ ކެފޭއިން ޚިދުމަތް ހޯދުމަށްފަހު ބިލު ދައްކަން އޭނާގެ ބޭބެއަށް ގުޅިކަމަށެވެ. ނަމަވެސް ފަހުން ބޭބެގެ ފޯނު އޮތީ ނިވާފައި ކަމަށާއި އޭނާ ހީކުރީ ބޭބެ ފައިސާ ދެއްކިކަމަށް ކަމަށް ޔާޝީން ބުނެފައިވެއެވެ. ނަމަވެސް އެ ބިލަށް ފައިސާ ނުދައްކާ ކަމަށް މި މައްސަލަ ތަހުގީގުކުރި އޮފިސަރު ކޯޓުގައި ވަނީ ބުނެފައެވެ.
އޭގެފަހުން މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާވެސް ޔާޝީން ވަނީ މިފަދަ ދެވަނަ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ، އޭނާ ހައްޔަރުކޮށްފައިވަނީ ބުރުޒުމަގުގައި ހުރި ކެފޭއަކުން ކެއުމަށްފަހު ބިލު ނުދައްކާ ދާން އުޅުނުކަމަށް ތުހުމަތު ކުރެވިގެންނެވެ.
މި މައްސަލައާ ގުޅިގެން ޔާޝީންގެ ބަންދަށް އަނެއްކާވެސް ވަނީ 10 ދުވަސް ޖަހާފައެވެ.



