ހުސްވި އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އަހަރީ ގްރީން ފަންޑު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ފެށުނުއިރު މި ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުރިއިރު، އަހަރު ތެރޭގައި އެއް ބިލިއަން ރުފިޔާ އިތުރަށް ވަނީ ޖަމާކޮށްފައެވެ.
އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައި ފަންޑުން 645 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ގްރީން ޓެކްސްގެ ނަމުގައި މި ފައިސާ ނެގެން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. މި ޓެކްސް ނެގެނީ ރާއްޖޭގެ ޓޫރިސްޓު ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުފަހަރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުންނެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމެވެ.




