ދިވެހިރާއްޖޭގައި ބޭނުންކުރުމަށް ޚާއްޞަކޮށް އުފައްދާފައިވާ ސޯލާ ފެރީ ’އެޕޯލޯ‘ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައި ވަނީ ފެރީ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުނި ނަވަލްޓްގެ ސީއީއޯ ސަންދިތު ތަންޑަޝެރީއެވެ.
ސަންދިތު ތަންޑަޝެރީ ވިދާޅުވި ގޮތުގައި ފެރީގެ މައިގަނޑު ސްޓްރަކްޗަރ މިހާރު ވަނީ ނިމިފައެވެ. އަދި އިންޓީރިއަރ އާއި ކުލަ ޖެހުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެޕްރީލް މަހުގެ ތެރޭގައި މި ފެރީ ރާއްޖެއަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސޯލާ ފެރީއަކީ 2022 ވަނަ އަހަރު ދިވެހި ސަރުކާރުން އޯޑަޯޑަރުކޮށްފައިވާ ފެރީއެކެވެ. މި ފެރީ އުފެއްދުމުގެ މަޝްރޫޢު ހިންގަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ކުރިއަށްގެންދާ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް“ ޕްރޮޖެކްޓްގެ އިތުރު ފައިނޭންސިންގގެ ދަށުންނެވެ.
މި ފެރީއަކީ ތިމާވެށްޓާ ރައްޓެހި ހަކަތައިން ދުއްވާ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. ފެރީގެ ދިގުމިނުގައި 26 މީޓަރު ހުންނައިރު ފުޅާމިނުގައި 7 މީޓަރު ހުރެއެވެ. މި ފެރީގައި 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކަކާއި، 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޯޓަރެއް، އަދި 25 ކިލޯވޮޓްގެ ސޯލާ ޕެނަލްތަކެއް ހަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



