މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފަކު ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޯސްޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު، ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން، ދަޢުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށެވެ.
އެގޮތުން ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކޮށްފައިވާކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ފަތުރާ ޚަބަރަކީ ބުހުތާނު ދޮގު ޚަބަރެއްކަމާ އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް މޯލްޑިވްސް ޕޯސްޓުން ބުނީ ދާދިފަހުން، ކުންފުނީގެ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީވެސް އޭނާގެ މަސައްކަތު ޕާރފޯރމަންސާ މަސައްކަތު އަޚްލާގާ ގުޅުންހުރި މައްސަލަތަކެއްގައި، އެމުވައްޒަފު އޮފީހަށް ވަނީއްސުރެން ގާތްގަޑަކަށް 10 މަހަށް ދެމިގެން ދިޔަ މަރުޙަލާތަކުގައި ނަސޭހަތާއި، އިންޒާރު ދިނުމާއެކު ”ޕާރފޯރމަންސް އިމްޕްރޫވްމަންޓް ޕްލޭން“ އެއްގެ ދަށަށް ގެނައުމުންވެސް، ޕާރފޯރމަންސާ މަސައްކަތު އަޚްލާގާއި ސުލޫކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ، ވަކިކުރެވިފައިވާ މުވައްޒަފެއް ކަމަށެވެ.
”އަދި މި މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް މުވައްޒަފާމެދު އެޅުނު ހުރިހާ އިޞްލާހީ ފިޔަވަޅުތަކެއް އެޅިފައިވަނީ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދާއި ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ހަމަތަކުގެ ތެރެއިންކަން ކަށަވަރުކޮށްދެން“ އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން އެ ކުންފުނިން ބުނެފައިވަނީ، ވަޒީފާއިން ވަކިކުރި މުވައްޒަފަކީ އޭނާ ރެކްރޫޓްކުރެވުނު މަޤާމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައި އެމަޤާމަށް ނުހޮވުމުން ނުރުހުން ފާޅުކުރުމުގެ އިތުރުން، އޭނާ ރެކްރޫޓް ކުރެވުނު މަޤާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިއުލާން ކުރި ވަރަށް އިސް މަޤާމުތަކަކަށް ކުރިމަތިލައި އެ މަޤާމުތަކަށް އިންޓަރވިއުއަށް ނުކިޔައިގެން އެކިތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިޔަ މުވައްޒަފެއް ކަމަށް ވެސް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
”އަދި އެންމެފަހުން މި ހިތްހަމަނުޖެހުންތައް މެނޭޖިންގ ޑިރެކްޓަރާ ހަމައަށް ގެންދިއުމުގެ ބޭނުމުގައި، މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރުމަށް އޮފީހުން ބޭރުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ފޮނުވައި، އެބޭފުޅާ މެދުވެރިކޮށް މީނާ ކުރިމަތިލި މަޤާމުތަކަށް އިންޓަރވިއުއަށް ކިޔާފައި ނުވާތީއާ އަދި އިންޓަރވިއު ކުރެވުނު މަޤާމަށް ހޮވިފައިނުވާތީ އިޙްތިޖާޖުގެ ބަސްތައް މެނޭޖިންގ ޑިރެކްޓަރަށް އިއްވައި، އަދި މީނާ ބޭނުންވި ގޮތަށް އެކަންކަން ހިގާފައި ނުވާތީ، އެކަމުގެ ކައްފާރާއެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް މިހާރު ހުރި މަޤާމަށްވުރެ ރަގަޅު މަޤާމަކަށް ޕްރޮމޯޝަން ދިނުމަށާ އަދި މީނާ އިންނަތަން ކޮޓަރިއަކަށް ބަދަލުކޮށްދިނުމަށާ އަދި މި 2 ކަންތަން ވީހާވެސް އަވަހަކަށް ކޮށްނިންމައި ދިނުމަށް އެދި، މިދެންނެވި ޢިއްޒަތްތެރި ބޭފުޅާ މެދުވެރިކޮށް މެނޭޖިންގ ޑިރެކްޓަރަށް ބިރުދައްކާފައިވާ މުވައްޒަފެއްކަންވެސް ފާހަގަކުރަން“ އެ ކުންފުނިން އިތުރަަށް ބުނެފައިވެއެވެ.




1 Comment
ހިތުން ވެރިން ގަންނަން ރިޝްވަތު ދިނުމުގޮތުންނާއި މީހާގެ ވަގު މުންސަގިކަން ދާއްކަން ޔޮތާެި ރިސޒޮޓާއި ޕެންޓަހައުސްގައި ކެއުންތައް އިންތިޒާމުކުރީ ޕޯސްޓު އޮފީހުގެ ވެރިން ގަނެވިދާނެކަމަށް. ކަޓު ޕޯސްޓްު އޮފީހުގެ އިމާރާތް ރީތިކަމުން ހުދު ގަމީސްލައިގެން ބޭނުން ކުރަން ނޭގުނަސް ފަހުގެ ލެޕްޒތޮޕް ކަރުގަ އަޅުވައިގެން މާލެ ވަށާ ބުރެއްޖަހާފަ އޮފީހަށް ވަންނަނީ.. އެހާވެސް ބޭނުން ޕޯސްޓުގަ އުޅެން. ގައިމު ސަޅި ތަނަކަށް ވީމަތާ؟؟!! އެކަމަކު ދެން އެތާ ހަތަރުފާރުތެރެއަށްވެސް ނުވަދެވޭނެ ވަރަށް އެހުރީ ބުލެކްލިސްޓުވެފަ. ކީއްކުރާނީ ދޯ ؟