ރޭ ކުޅުނު ސްޕެނިޝް ލީގުގެ މެޗެއްގައި ލަސް ޕަލްމާސްއާ ބައްދަލުކޮށް، 0-2 އިން މޮޅުވެ، ބާސެލޯނާއިން ލީގުގެ އެއްވަނައިގެ މަޤާމު ދަމަހައްޓައިފިއެވެ. މިހާރު ބާސާ އޮތީ 25 މެޗު ކުޅެ، 54 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެންމެ މަތީގައެވެ.
ލަސް ޕަލްމާސްގެ ހޯމް ގްރައުންޑްގައި ބޭއްވުނު މުބާރާތުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ނުޖެހުނު ނަމަވެސް، ބާސާއަށް ވަރަށް ގިނަ ފުރުސަތުތައް ލިބުނެވެ. މެޗުގެ ދެވަނަ ހާފުގައި ކޯޗު ފްލިކް ގެނައި ބަދަލަކާ ގުޅިގެން، 62 ވަނަ މިނެޓުގައި ކުޅެން އެރި ޑެނީ އޮލްމޯ ވަނީ ބާސާގެ ފުރަތަމަ ލަނޑު ޖަހާދީފައެވެ.
މެޗުގެ އިންޖުރީ ޓައިމްގައި ރަފީނިއާގެ ޕާސް އަކުން ބާސާގެ ދެވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭސް އެވެ. މި ކާމިޔާބީއާއެކު ބާސެލޯނާއިން ވަނީ ލީގުގެ އެއްވަނަ މަޤާމު ދަމަހައްޓާފައެވެ.
ލީގުގެ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ ޖިރޯނާ އަށް ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ވެއްޖެ ނަމަ ޕޮއިންޓުގެ ގޮތުން ބާސާއާއި އެއްވަރު ވާނެއެވެ. ނަމަވެސް ގޯލް ޑިފެރެންސްގެ ސަބަބުން ތާވަލުގެ ކުރީގައި އޮންނާނީ ބާސާއެވެ.



