މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ށ. ހޮޅުދޫގައި މަރުވެފައިވާ އޮއްވާ ފެނުނު އެރަށު މާރަނގަ ޒަކިއްޔާ މޫސާ (50އ.) ގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
ގިނަ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ޒަކިއްޔާ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅުނު ހޮޅުދޫ ނިއުލައިފް ގޭގެ ބަދިގެފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވާތީ، އޭނާ މަރުވީ އަމިއްލައަށްކަމަށް އެރަށުތެރޭގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަނީ ހޮޅުދޫގައި ހަރަކާތްތެރިވެފައެވެ.
އެޗްއާރްސީއެމުން މިއަދު ބުނީ، ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ގާތްތިމާގެ މީހުންގެ ފަރާތުން އެ ކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ، މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމުން ބެލުމަށް މިމައްސަލަ ތަހްގީގްކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުޚުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް އެ ކޮމިޝަނުން މިހާރު ދިރާސާކުރަމުންދާ ކަމުގައިވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންގެންދާ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.




