މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކޮށްފައިވާ ކުޑަގިރި އަށް ދެ އަހަރު ތެރޭގައި 54،725 މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ކުޑަގިރި އަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ އެރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ހާއްސަ ކުޅިވަރު ތަކާއި ގޭމްތައްވެސް އިއްޔެ ވަނީ އެރަށުގައި ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން ރަށުގެ އިންތިޒާމުތައް ބަލާލުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް އާއި ކުންފުނީގެ އިސްވެރިން ވަނީ އިއްޔެ އެރަށަށް ޒިޔާރާތް ކުރައްވާފައެވެ.
އެޗްޑީސީ އިން ބުނީ ކުޑަގިރިއަށް ދެ އަހަރު ވެފައިވާއިރު އެރަށުން ދޭ ހިދުމަތްތައް އިތުރުކޮށް، ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކުޑަގިރީގެ ހިދުމަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށްޓަކައި އިއްޔެ ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައެވެ. މި ކައުންޓަރު މެދުވެރިކޮށް ކުޑަގިރިއާބެހޭ މައުލާމާތު ހޯދާ، ދަތުރު ދިއުމުގެ އިންތިޒާމުތައް ފަސޭހަ ކަމާއިއެކު ހަމަޖެހިގެން ދާނެ ކަމަށް އެޗްޑީސީއިން ބުންޔެވެ.
މީގެ އިތުރުން އަންނަ އޭޕްރިލް މަހުން ފެށިގެން ކުޑަގިރީގައި ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރު ކުރުމަށްވެސް އެޗްޑީސީ ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުންޔެވެ. މި މަސައްކަތް ކުރަމުންދަނީ އެމްއެމްޕީއާރުސީ އާއި އެމްޓީސީސީ އާއި ގުޅިގެން ކަމަށް އެޗްޑީސީ އިން ބުންޔެވެ.




