ރ. ފައިނުގެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚަފްލާއެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފު މުޙައްމަދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައުދީއެވެ.
ފައިނުގެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި އެއްކަންތަކެވެ.
ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި އެމްޓީސީސީ އާއެކު ވެވޭ އެއްބަސްވުމުގައި މިމަހު ސޮއިކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ، މިދިޔަ މަހު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ވިދާޅުވެފައެވެ.
އެގޮތުން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެމްޓީސީސީ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެއާޕޯޓު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ފައިނުގައި އެއާޕޯޓު އެޅުމުން، އެރަށް ހިމެނޭ ދާއިރާއާއި އެ ސަރަޙައްދުގެ ގިނަ ރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބޭނެ ކަމަށާއި އެއާޕޯޓާއެކު ގިނަ ރިސޯޓުތަކެއް އެ ސަރަޙައްދުގައި ހުޅުވި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށެވެ.
”ވަރަށް އުއްމީދީ ގޮތެއްގައި މި އެއާޕޯޓު ނިމިގެންދާނީ. އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވެފައި ވެސް އޮންނާނެ މި ސަރަޙައްދުގައި ގިނަ ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ދެން ފައިނަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަޝްރޫޢު ނިމި، އެ އެއާޕޯޓު ހުޅުވުމަށް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.



