ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން މިކަމާ ގުޅޭގޮތުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހާރެކޭ އެއްފަދައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތަކުން ތިރީގައިމިވާ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.
° ފައިސާ ޖަމާކުރުމާއި ނެގުން
° ފައިސާ ޓްރާންސްފަރ ކުރުން
° ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
° މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން
° ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
° ލުއި ލޯނާއި ފައިނޭންސް ދޫކުރުން
° ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
° އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
° ޒަކާތް ދެއްކުން

އަންނަ މަހު އެކަކުން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބީއެމްއެލުން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އައު ޚިދުމަތްތައް:
1. އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ.
2. ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން.
3. ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
4. ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
5. ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފަރ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
6. ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރު ކުރުން.
މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ތިރީގައިވާ ޚިދުމަތްތަކަށް ވެސް ބަދަލުގެނެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
° ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށުން. މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް.
° ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީ.އޯ.އެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން.
° މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން.
° ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން.
° ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ އިން މެސެޖް ކުރެވޭނެ.
މީގެއިތުރުން ބީއެމްއެލްއިން ބުނީ، އެއްވެސް ސަބަބަކާހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށާއި 27 އަދި 29 މާރިޗު ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އިލްތިމާސަކީ ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭންކުގެ ޚިދުމަތް ހޯދުން ކަމުގައި އެ ބޭންކުން ބުނެފައިވެއެވެ.


