ހއ. އިހަވަންދޫން ކޮންމެ ހަފުތާއެއްގެ ބުރާސްފަތީގައި ޕާސްޕޯޓްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އިމުގާ އިން ޕާސްޕޯޓަށް ހއ. އަތޮޅުން އެދި ހުށަހަޅާއިރު، ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ވެސް ހަމަޖެހިފައި ވަނީ އިހަވަންދޫ އިމިގްރޭޝަން އޮފީސް ކަމަށެވެ. މިކަމުގެ ސަބަބުން، ހއ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމަށް މާލެ އައުމުގެ ބުރަ ލުއިވެގެންދާނެ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އިހަވަންދޫގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރައްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. މި ޚިދުމަތް ފެށުމާއެކު، އުތުރުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



