ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްފާޟިލް ޔަޒްމީދު މުޙައްމަދު ޢައްޔަން ކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި މިރަސްމިއްޔާތެއްގައި ޔަޒްމީދު އެމަގާމަށް އައްޔަންކޮށްފައިވާއިރު، އޭނާ މަގާމަށް އައްޔަންކޮށްފައި ވަނީ ޤާނޫނުއަސާސީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ ދަށުން ބާރު ލިބިގެންނެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިރަސްމިއްޔާތުގެ ކުރިން، ރައީސް ޑރ. މުޢިއްޒު ވަނީ ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ކުރީގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ސަމީރު މަޤާމުން ވަކިކުރައްވާފައެވެ.
މަގާމާއި ހަވާލުވުމުގެ ކުރިން ޔަޒްމީދު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސް ކުރިފުޅުމަތީގައި ކުރައްވާފައެވެ. އޭނާއަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މީގެއިތުރުން، ރައީސް ވަނީ އަލްފާޟިލް ޔަޒްމީދު މުޙައްމަދަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.



