ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގަތުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއަކާއެކު ރައީސަށް މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް، ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން، ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި މި ދަތުރުފުޅަކީ ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ. މިހާތަނަށް ރައީސް މުޢިއްޒު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް މުޢިއްޒު މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.
މި ދަތުރުފުޅަކީ ރައްޔިތުންނާއި އެ ބޭފުޅުންގެ ދިރިއުޅުމުގެ ގޮތް ދެނެގަތުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.




